ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ޝާހިދު ބައްދަލުކުރައްވައިފި

ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ޝާހިދު ބައްދަލުކުރައްވައިފި

އިދިކޮޅު އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު، ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިޔާދް މަންސޫރުއާއި ބައްދަލު ކުރައްވައިފިއެވެ

ރިޔާދް އާއި އެއްކޮށް ނަގާފައިވާ ފޮޓޯއެއް "އެކްސް"ގައި ހިއްސާ ކުރައްވަމުން ޝަހީދު ވިދާޅުވީ، ރިޔާދް އާއި ބައްދަލުކޮށް ވަރަށް މުހިންމު، ބޭނުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޝާހިދު ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ހައްގެއް އަދި ވެރިރަށް ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއިދު ކުރުމުގައި އަބަދުވެސް އެއްބައިވަންތަކާއި އެކީ ތިބޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ޝާހިދު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދިފާއުގައި ތިއްބެވި އަހުންނާއި އުހުތުންނަށް މަރުހަބާ ދެންނެވުމަކީ ވެސް ލިބުނު ފަހުރެއް ކަމަށެވެ.

ރާއްޖޭން އަބަދު ވެސް ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ ސަރުކާރުން ވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު ކުށްވެރިކޮށް، އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މިދިޔަ ސަރުކާރުގެ ފަހުން މި ސަރުކާރުން ވެސް އަންނަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން އެެމެރިކާގެ ނިއުޔޯކުގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ވަގުތުން އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *