އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ
ފުލުހުން ވިދާޅުވީ، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

