ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުން ފުރަތަމަ ޓާމުގެ ކުރު ޗުއްޓީއެއް ނިންމާލުމަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މި ޗުއްޓީިއަކީ އެހެން ޗުއްޓީތަކާ އެއްގޮތަށް ދަރިވަރުންނާއި ޓީޗަރުން ތަންތަނަށް ދަތުރު ގޮސް، އަދި އާއިލާއެކު ވަގުތު ހޭދަކުރަން ލިބޭނެ ދުވަސްވަރެކެވެ. ސްކޫލްތަކުގެ މަސައްކަތް ނިންމާ ޗުއްޓީއަށް ދިޔައިރު، 2023/2024 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓް ފޮތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދަރިވަރުންނަށް ދީފައެވެ.
މިއަހަރުގެ ތަޢުލީމީ ދާއިރާގައި ގިނަގުނަ ބަދަލުތަކެއް ފެނިގެންދާކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވެއެވެ. މި ގޮތުން މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް 2,250 އައު ދަރިވަރުން ވަނުމާއެކު، އެހެން ގްރޭޑްތަކަށް 2,081 ދަރިވަރުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ މެދުގައި 1,000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، މިއަހަރު 162 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދެމުންދާއިރު، 55 ސްކޫލެއްގައި ދެދަންފަޅިއަށް ކިޔަވައިދެމުން ގެންދެއެވެ. މީގެ އިތުރުން، 6 ސްކޫލެއްގައި ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދިނުން ކުރިއަށްދާނެއެވެ.
އަންނަ އަހަރުތަކުގައި ތަޢުލީމީ ދާއިރާއަށް އިތުރު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރުމަށާއި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެންބަރު މަހުގައި ދިނުމަށް ވަނީ ނިންމާފައެވެ.

