މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އަށް މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ބައިވެރިވެފައިވާ ކަަަމަށްވެސް ވިދާޅުވިއެވެ.
އިމިގްރޭޝަނުން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން 10 މަސް ތެރޭގައި މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްލައިފައެވެ.
މީގެ ތެރެއިން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން ޑީޕޯޓްކޮށްލިއިރު، ޑިސެމްބަރު މަހު 202، ޖަނަވަރީ މަހު 237، ފެބްރުވަރީ މަހު 309، މާރިޗް މަހު 332، އޭޕްރިލް މަހު 240، މެއި މަހު 377، ޖޫން މަހު 690، ޖުލައި މަހު 461، އޮގަސްޓް މަހު 453 އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ވަނީ ޑީޕޯޓްކޮށްލައިފައެވެ.

