7 ވަނަ ޓީޗަރސް ކޮންފަރެންސް ނިންމާލައިފި

7 ވަނަ ޓީޗަރސް ކޮންފަރެންސް ނިންމާލައިފި

މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބޭއްވި 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ

ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ އަހަރަކުވެސް ކޮންފަރެންސްގެ ތީމް ކަނޑައަޅަނީ ތައުލީމީ ނިޒާމުގެ ތެރޭގައި އެ ވަގުތަކު އެންމެ ހާއްސަކަމެއް ދޭން ޖެހޭ ދާއިރާތަކާ ގުޅުވާލާފައި ކަމަށެވެ. އެގޮތުން މިއަހަރުގެ ތީމް ބިނާކޮށްފައިވަނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމާ ގުޅޭގޮތުންނެވެ.

މި ކޮންފަރެންސްގައި 60 ދިރާސާ ކަރުދާސް ހުށަހަޅާފައިވާ އިރު، 2 ޕެނަލް ޑިސްކަޝަން އާއި 2 ކީ ނޯޓް ކުރިއަށްދިޔައެވެ. މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް ސްކޫލުތަކުން ކުރައްވާ މަސައްކަތް ހިއްސާކުރުމަށްޓަކައި ފަސް ސްކޫލެއްގެ "ބެސްޓް ޕްރެކްޓިސަސް"ތަކާއެކު، ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ.

މިއަހަރުގެ މި ކޮންފަރެންސްގެ ތީމަކީ"އެޑިޔުކޭޓް، އެމްޕަވަރ، އެލެވޭޓް: އެކުއިޓަބަލް އެޑިޔުކޭޝަން ފޮރ ޓުވެންޓީފަސްޓް ސެންޗުރީ އެކްސެލެންސް" އެވެ.

މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައުޤީ ވިދާޅުވީ މި ކޮންފަރެންސްއަކީ އިލްމީ ގިނަ ބޭފުޅުންތަކެއް އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި ތައުލީމީ ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކޮންފަރެންސްއެއް ކަމަށެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި މިއަހަރު ރާއްޖެއާ ރާއްޖެއިން ބޭރުގެ އިލްމީ ބޭފުޅުން ހިމެނޭހެން ޖުމްލަ 250 ބޭފުޅުން ބައިވެރިވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު މި ކޮންފަރެންސް ބާއްވާފައިވަނީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން، ޔުނިސެފް، ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމެންޓް އަދި ދިރާގުގެ އެހީތެރިކަމާއެކުގައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *