އްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން. ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި."، ރައީސް ވިދާޅުވެފައި ވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،482،057 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައި ކިޔާއިރު 9.8 އިންސައްތައިގެ ކުރިއެެރުމެކެވެ.
ރާއްޖޭގައި މިހާރު 181 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓެލަކާއި، 887 ގެސްޓް ހައުސްގެ އިތުރުން، 152 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު މި އަހަރުގެ ޑިސެމްބަރުގައި ހާސިލްކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެވެއެވެ.

