މާލޭގެ ސްކޫލަކަށް ވަދެ ކިޔަވައިދޭން ހުރި ޓީޗަރަކަށް ބިރުދެއްކި މީހަކު ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފިއެވެ
މި މައްސަލައިގައި ބަންދުކުރީ މއ. ކަނޑޫގޭ އަލީ އަހުމަދުއެވެ. ބަންދު އަމުރުގައިިވާގޮތުން އޭނާވަނީ ސްކޫލަކަށް ވަދެ، ދަރިވަރުންނަށް ކިޔަވައިދިނުމަށް ކުލާސްރޫމުގައި ހުރި ޓީޗަރަށް ބިރު ދައްކައިފައެވެ. އަދި އޭނާ މިކަން ކޮށްފައިވަނީ ދަރިވަރުންގެ ކުރިމަތީގައެވެ.
އަމުރުގައިވާ ގޮތުން އޭނާ ވަނީ މިކަމަށް އެއްބަސްވެ، އޭނާ އަށް އެކަން ކުރެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި އެކަމާ ދެރަވާ ކަމަށް ބުނެ މައާފަށްވެސް އެދިފައެވެ. އެހެން ކަމުން މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ އޭރު ކޯޓުގައި ބުނެފައެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށްފަހު ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަލީ އަހުމަދަކީ 2020 ވަނަ އަހަރު ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭރު އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
މި ދެ މައްސަލައިގައި އަލީ އަހުމަދު ހައްޔަރުކުރުމަކީ އޭނާގެ ކުށުގެ ރެކޯޑު އިތުރަށް ދިގުވެގެންދާނެ ކަމެއް ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެއެވެ. އަދި މިފަދަ ތަކުރާރުކޮށް ކުށްކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުންދެއެވެ.
މި މައްސަލައާ ގުޅިގެން ސްކޫލްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

