އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ގިނަ ކޮލެޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަން އިންޑިއާގެ ބޭސް ރެގިއުލޭޓް ކުރާ މައި އިދާރާ (ސީޑީއެސްސީއޯ) އިން އެލާޓްކޮށްފައިވާތީ، ދިވެހިން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެދިއްޖެއެވެ
އެމްއެފްޑީއޭއިން ވިދާޅުވީ، ސީޑީއެސްސީއޯގެ މި އެލާޓާއި ގުޅިގެން ރާއްޖޭގެ މަރކެޓްގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް، އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއްކޮށް، މާރކެޓް އިވެލުއޭޝަނެެއް ހަދާފައިވާ ކަަމަށެވެ. އަދި މިގޮތަށް ބެލި ބެލުމުން، އެ ލިސްޓުގައި ހިމެނޭ ބޭހެއް ކަމަށްވާ ޓެލްމިސަޓާން ޓެބްލެޓްސް އައިޕީ 40އެމްޖީ އަކީ އެޕްރޫވްޑްގެ ޑްރަގް ލިސްޓުގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއް ނަމަވެސް، 2018 އިން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެެ.
"ސީޑީއެސްސީއޯގެ މި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަންވެސް ވަނީ ޔަގީން ކުރެވިފައެވެ،". އެމްއެފްޑީއޭ އިން ވިދާޅުވެފައި ވެއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ އަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ މިކަމަށް ސަމާލުވުމަށް އެދޭ ކަަމަށެެވެ.

