މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިއްޔެ ސީއެޗްއެސްއީގައި ފެށި ހަތް ވަނަ "އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަނީ ވައުދުތަކެއްވެފައި. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުން ފަދަ ކަންކަން. މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގައި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް މުހިންމު." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުނ ްމެޑަމް ސާޖިދާ ވިދާޅުވީ، ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާ ކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންފުޅުވާ ކަމަށެވެ. އަދި ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުން އައި ގޮތް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ބިނާކުރަނިވި ހައްލުތައް ހޯދައި، ތައުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުސަތުތައް އިތުރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ފާހަގަކުރެއްވިއެވެ.
ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމައުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ހަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.

