ބަންޑާރަ ނައިބް, އުޝާމް: ފޮޓޯ: މަޖިލިސް

އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން ރާއްޖެއިން ހުށަހަޅައިފި

އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން ރާއްޖެއިން ހުށަހަޅައިފި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީ.ޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލު)" މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅައިފިއެވެ

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން"، މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭއަށް ހުށަހަޅައިފިވާ ކަމަށެވެ.

މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭ އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ގަތުލުއާންމު އަދި އެޕާތައިޑްގެ އަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. އަދި އެގޮތުން، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އދގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާާންމު ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން އަބަދުވެސް ދަނީ ގޮވަމުންނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *