ރައީސް ޑރ. މުއިއްޒު ވަޒީރުންގެ މަޖިލީހުގައި: ފޮޓޯ: ރައީސް އޮފީސް

ސީޕްލޭންގެ ހިދުމަތް ދޭން އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަވަނީ

ސީޕްލޭންގެ ހިދުމަތް ދޭން އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަވަނީ

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާކޮށް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ހިދުމަތް ދިނުމަށްޓަކައި، އެމްއޭސީއެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވަޒީރު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިއީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ވަަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމެކެވެ.

އެގޮތުން ނިންމަވާފައި ވަނީ އައިއޭއެސްއެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމްއޭސީއެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 ވަނަ އަހަރުގެ އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.

މީގެ އިތުރުން އެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ނިންމަވާފައި ވެއެވެ. މިކަންތައްތައް ނިންމަވާފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އެގޮތުން ކަނޑައެޅުއްވި ޒޯންތަކަކީ

    •  ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
    •  މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
    •  މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
    •  ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން

މީގެ އިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *