ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގެ ބޯޓެއް އިހަވަންދިއްޕޮޅަށް

ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގެ ބޯޓެއް އިހަވަންދިއްޕޮޅަށް

ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިކަން ހާމަކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާއަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެއްޓެވުމާއެކު، ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ އުތުރުން ދަތުރުކުރަމުން ގެންދާ ރާއްޖެއިން ބޭރުގެ ބޯޓުފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސާވިސަސް"ގެ ނަމުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވައި، އެ އިމްތިޒާމުތަކުގެ ދަށުން، ހާއްސަ ފެސިލިޓީއެއް މިދިޔަ މަހު 18 ވަނަ ދުވަހު ހުޅުއްވާފައިވާ ކަމެވެ.

"މި ފެސިލިޓީ އިން ހިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކްޓްސް ޓޭންކާއެއް، މި މަހުގެ 3 ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައި. އެ ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ހިދުމަތް، ފުރެޝް ވޯޓާ ބަންކަރިން، ކުރޫ ޗޭންޖް (ރާއްޖެއިން ބޭރުން އަންނަ ހަ ކުރޫ އެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި ނުވަ ކުރޫ އެއް ބޯޓުން ބާލައިގެން ގެންގޮސް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން. މިވަގުތައް ޖުމުލަ 15 ކުރޫ ޗޭންޖް، މި އަދަދު އަދި އިތުތު ވެދާނެ ކަމަށް ބެލެވޭ)، ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން، ސްޕެއާ ޕާޓުސް ސަޕުލައި ކޮށް ދިނުން ހިމެނޭ." ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، އެ ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނިތައް ވެސް ބައިވެރި ވާނެ ކަމަށެވެ. އަދި އެ ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، ފަސް ވަރަކަށް ދުވަހު އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރަންޖެހިދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. އެހެން ދިމާވެއްޖެނަމަ، އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. އެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *