ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ 1 އޮކްޓޫބަރު 2024ގެ 00:00 އިން ފެށިގެންނެވެ. ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބަދަލަކީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ. މީގެ ކުރިން، މި އަހަރުގެ އޯގަސްޓް 28 ގައި ސްޓެލްކޯއިން ވަނީ ހޮޓްލައިން ނަންބަރު 1545 ތަޢާރަފުކޮށްފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ބަދަލަކީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ޒަމާނާ އެއްހަމައެއްގައި ފައިތިލަ ހަމަ ކުރާ ޚިދުމަތްތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެކެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މަޢުލޫމާތު ލިބިގަނެވޭނެއެވެ. އަދި ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
މީގެ އިތުރުން، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ސަބަބުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

