ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިމިގްރޭޝަންގެ އޮފިޝަލުންނާއި ހަވާލާދީ "އޭއެފްޕީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ބޮޑީގާޑެއް ވަނީ މިރޭ ވަގުތެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ މިލިޓަރީ ޖެޓެއްގައި ކަމަށްވެސް އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ.
މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ލަންކާގެ ރައީސްއާ ސަރުކާރާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ގޮޓާބަޔާ ދިރިއުޅުއްވާ ގެކޮޅު މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު ހޮނިހިރު ދުވަހުން ފެށިގެން ގޮޓާބަޔާ ހުންނެވީ އެގައުމުގެ އަސްކަރިއްޔާގެ ހިމާޔަތުގަ އެވެ.
ގޮޓާބަޔާ އިއްޔެ ވަނީ ލަންކާ ދޫކޮށް ދުބާއީ އަށް ވަޑައިގެންނެވުމަށް ވެސް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެއާޕޯޓްގެ އިމިގްރޭޝަން މުވައްޒަފުން އެކަމަށް ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގޮޓާބަޔާގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ގޮޓާބަޔާ މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާއިރު ލަންކާ އަށް އާ ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން ރަނިލް އެގައުމުގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގަންނަވާނެ އެވެ.
އިގްތިސާދީ އަނދަވަޅެއްގެ ތެރޭގައި އޮތް ލަންކާ އަށް އާ ރައީސަކު އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

