މިނިސްޓަރ މާރިޔާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ މާރިޔާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ދެފަރާތުން ވަނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައި، ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، 170 އަށްވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސަރވައިލެންސް މިޝަން ހިންގުމުގައި އިންޑިއާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ކޯސްޓްގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ، އެކަމަނާ ވަނީ އިންޑިއާ ސަރުކާރުން މިމަޝްރޫޢަށް ދެއްވާ އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޕާރޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިއާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *