ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަ ކުރާ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓޫ ދޭންޖެހޭ ސަބަބެއް ނެތްކަމަށާއި، 2023 ގައި އުފެދިގެންދާނީ ރައީސް ޔާމީންގެ ވެރިކަމެއް ކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެގޮނޑި ހުސްވެފައިވާތީ، އެދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަށް ވާދަކުރައްވާ ޕީޕީއެމް ކެނޑިޑޭޓްގެ ކެމްޕެއިން ޕޯސްޓަރު ޓުވިޓާގައި ހިއްސާކުރެއްވުމަށް ފަހުއެވެ.
އެގޮތުން މަލީހް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ބައިބައި ކުރުމަށް އެދާއިރާއަށް ކުރިމަތިލައްވައިގެން އުޅޭ އަބްދުލް ހަންނާން އިދުރީސް ނެރުނީ އެމްޑީޕީއިން ކަމަށާއި ހަންނާން އަށް ފަންޑުކޮށްފައިވަނީ އެމްޑީޕީ ޗެނަލްތަކުން ކަމަށެވެ.
"ރައްޔިތުންގެ ވޯޓު ޕީޕީއެމްގެ ކެނޑިޑޭޓަށް ދެއްވާ. އެމްޑީޕީއަށް ގޮނޑި ދޭންޖެހޭ ސަބަބެއް ނެތް. 2023 ގައި އުފެދިގެންދާނީ ރައީސް ޔާމީންގެ ވެރިކަމެއް." މަލީހް
މިސަރުކާރު ގެންނަން މަލީހް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިސަރުކާރުގައި އެމަނިކުފާނުވަނީ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ނަމަވެސް މިނިސްޓަރު ކަމުން ވަކިކުރި ފަހުން މަލީޙް ފާހަގަކުރެވިފައިވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

