ޢަރަބި މީޑިއަމަށް ކިޔަވައިދޭ ޢަރަބިއްޔާ ސްކޫލް ދަރިވަރުން ޢިއްޒުއްދީނަށް ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުންކަންކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލައި ކުދިންނަށް އެންމެ ރައްކާތެރި ތަނަކަށް ނުވާތީ، އެތަނުގެ ދަރިވަރުން ޢިއްޒުއްދީނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެންނެވެ. ޢަރަބިއްޔާގެ ބެލެނިވެރިންވެސް އެކަމާ ދެކޮޅު ހަދައެވެ.
ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވީ، ތަފާތު ދެ ސްކޫލެއްގެ ދަރިވަރުން އެއްތަނެއްގައި މެނޭޖު ނުކުރެވޭ ވަރުގެ ކުޑަ ތަނަކަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުންކަމަށެވެ
ޢަރަބިއްޔާ ޢިމާރާތުގައި ރެނދުލައިގެން ބެލެނިވެރިން އަންނަނީ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ޢަރަބިއްޔާގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި ހުރިހާ ބެލެނިވެރިން އިއްތިފާޤުވެފައިވަނީ، ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ދަރިވަރުން ބަދަލުނުކުރުމަށެވެ. އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.

