މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ ކަމަށް ކުރީގެ ކޮމިއުކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ، އިދިކޮޅުން މިއަދު ބާއްވަން އުޅުނު ސުލްޙަވެރި އެއްވުން ފުލުހުން ނުކުމެ ހުއްޓުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މަލީހް ވިދާޅުވީ، ސުލްހަވެރި މުޒާހަރާ ގަދަބާރުން ހުއްޓުވަން އެމްޑީޕީއިން ނެރެނީ އަދިވެސް އެމްޑީޕީއަށް ޑިމޮކްރަސީ ދަސްނުވާތީ ކަމަށާއި، އެމްޑީޕީއާއި ރައީސް ނަޝީދު، ޑިމޮކްރަސީގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެމްޑީޕީ އަދި ރައީސް ނަޝީދު، ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދަސްކުރަން ޖެހޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބާއްވަން އުޅުނު އެއްވުން، ފުލުހުން ނުކުމެ ހުއްޓުވައި ހާލަތާ ނުގުޅޭ ބާރު ބޭނުންކޮށް އެއްވުމުގެ ބައެއް ބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، މިއަދު ބާއްވަން އުޅުނު އެއްވުމުގައި ގައުމީ މަސްލަހަތު ނަގާލާ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެން ކަމުން އެއްވުން ކުރިއަށް ގެންދިޔަ ދެވެން ނެތް ކަމަށެވެ.

