މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއަރޕަރސަންގެ މަޤާމަށް ކެޕްޓަން މުޙައްމަދު ޝަރީފް އައްޔަނުކޮށްފިއެވެ.
މި މަޤާމަށް އައްޔަނުކުރުމާއި ހަމައަށް ކެޕްޓަން ޝަރީފް ހުންނެވީ އެކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައެވެ.
ކެޕްޓަން މުޙައްމަދު ޝަރީފް އެމް.ޕީ.އެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރައްވާފައިވަނީ 6 ފެބުރުވަރީ 2019 އެވެ. އޭނާއަކީ 1986 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު އެމްއެންއެސްއެލްގައި މަސައްކަތްކުރެއްވި މާސްޓަރ މެރިނަރއެކެވެ.
ކެޕްޓަނު ޝަރީފް ވަނީ މެރިޓައިމް އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން މެރިޓައިމް އޮޑިޓިން، ސޭފްޓީ އަދި ނެވިގޭޝަންގެ ދާއިރާއިން ގިނަ އަދަދެއްގެ ވޮކޭޝަނަލް އަދި ޕްރޮފެޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މެރިޓައިމް އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވެއެވެ.
އޭގެތެރޭގައި ރާޑަރ، އާރް.ޕީ.އޭ އަދި ނެވިގޭޝަން، ޝިޕްސީ ސީއޯސީގެ މާސްޓަރ (އެފްޖީ) އަދި ޝިޕިންގ ކުންފުނިތަކަށް އިންޓަރނަލް އޮޑިޓްކުރުން ފަދަ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުންވެސް ޝަރީފް ވަނީ މެނޭޖީރިއަލް ގިނަ މަޤާމްތަކެއް އަދާކުރައްވައި، ތަމްރީނާއި ތަޢުލީމު އުނގަންނައިދިނުމާއި، ލޯކަލް އަދި ބައިނަލްއަޤުވާމީ ޕާޓީތަކަށް އެކްސްޕާޓް އެޑްވައިސް ފޯރުކޮށްދެއްވާފައިވެއެވެ.
ކެޕްޓަން ޝަރީފަކީ 1982 ވަނަ އަހަރުން ފެށިގެން ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި ޗެއަރމަންއެވެ. މީގެ އިތުރުން، ވިޔަފާރިއާއި މެރިޓައިމް ދާއިރާގައި ފާހަގަކޮށްލެވޭ ލޯކަލް އަދި ބައިނަލްއަޤްވާމީ ކުންފުނިތަކުގެ މެނެޖީރިއަލް މަޤާމުތައް އެބޭފުޅާ ވަނީ ފުރުއްވާފައެވެ. އޭގެތެރޭގައި ޓްރާންސްފިއުލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑީ.ޕީ.އޭގެ މަޤާމާއި، އާކްސް މެރިން، މެލްކޯ އިންޓަރނޭޝަން އަދި ކޮނެކްޓް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމް ފުރުއްވާފައިވެއެވެ.

