ހިލޭ ސާބަހަށް މާލޭގެ މިސްކިތްތައް ސާފުކުރާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.
މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް އަދި މަރާމާތުކޮށްދޭން ބޭނުންވާ މީހުންނަށް މާލެ ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމާއި ގުޅިގެން އެކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މިސްކިތަށް ތަކެތި ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބުނެފަ އެވެ.
މިސްކިތަށް އެހީވާން ބޭނުންވާ މީހުން، ސިޓީ ކައުންސިލަށް ފޯމު ހުށަހަޅައިގެން އެކަން ކުރެވޭނެ ކަމަށާއި، މިސްކިތަށް އެކި ގޮތްގޮތުން ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އެގޮތުން ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކާއި، ހަފްތާއަކު އެއްފަހަރު ކުރެވޭނެ މަސައްކަތުގެ އިތުރުން މަހަކު އެއްފަހަރު އަދި ހަ މަހުން ކުރެވޭ ކުދި ކުދި މަސައްކަތްތަކުގެ ތަފްސީލު ވެސް ސިޓީ ކައުންސިލުން ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން މިސްކިތް ފޮޅައި ސާަފުކުރެވޭނެ ވަގުތުތައް ކަނޑައަޅާފައިވާއިރު، މި މަސައްކަތްތައް ކުރަން ޖެހޭނީ ޔުނީފޯމުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

