ޕާކިން ސްލޮޓް ދޫކުރީ ގޯސްކޮށް ކަމަށް ބުނެ މައްސަލަ އޭސީސީއަށް

ޕާކިން ސްލޮޓް ދޫކުރީ ގޯސްކޮށް ކަމަށް ބުނެ މައްސަލަ އޭސީސީއަށް

މާލެ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްފައިވަނީ، ގޯސްކޮށް ކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ޕާކިން ސްލޮޓަތަކަށް އަގު ދައްކައިގެން ޕާކު ކުރުމަށް ސިޓީ ކައުންސިލުން ހަދާފައިވާ ސްލޮޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ މެދުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގުރު ނެގިއިރު 211 ޕާކިން ސްލޮޓަށް ޖުމްލަ 969 މީހަކު ވަނީ ފޯމް ހުށަހަޅާފައެވެ.

މި ގުރު ނެގީ އެކައުންސިލުން ބޭއްވި ލައިވް އިވެންޓެއްގައި މީޑިއާތަކުގެ ވެސް ހާޒިރުގައެވެ. ނަމަވެސް ގުރުއަތުން ނެގި ގޮތާ މެދުގައި ހިތް ހަމަނުޖެހުނީ އައިޑީ ކާޑް ނަންބަރާއި މީހާގެ ނަމުގެ ބަދަލުގައި ސްލިޕް ނަންބަރު ގުރު ނަގަން ބޭނުން ކުރުމުންނެވެ.

އެކަމާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕާކިން ސްލޮޓުތައް ދޫކުރުމުގެ މައްސަލަ ބަލައިދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލާނެތޯ ނުވަތަ ނޫންތޯ ކޮމިޝަނުން ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެއް އައިޑީ ކާޑު ނަމްބަރުގައި ދެ ތިން ކާރު ރަޖިސްޓަރީ ކޮށްގެން ގެންގުޅުމާއި ފޯނު ނަމްބަރު ވެސް ރިޕީޓް ވެފައި ހުންނާތީ ގުރު ނަގާ އިރު، އެ މައުލޫމާތު ބޭނުން ނުކުރަން ނިންމީ ކަމަށެވެ. އަދި ތަކުރާރު ނުވާނެ އެއްޗަކީ ސްލިޕް ނަންބަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރުއަތުގައި ޕާކިން ސްލޮޓް ލިބުނު ފަރާތްތަކާއި އަދި ޕާކިން ސްލޮޓްތަކަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓް ވަނީ އާންމުކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *