ރައީސްޔާމިނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަން: ލަތީފު

ރައީސްޔާމިނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަން: ލަތީފު

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަށް ކުރަމުންގެންދާ އަނިޔާތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

 

އަބްދުލްލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިގްތުސާދީ ސިޔާސަތު ފެއިލްވެ، ހިންގުމުގެ ނިޒާމު ކަންފަތި ވެގެންދާ ކޮންމެ ފަހަރަކު، ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވާ ކޮންމެ ފަހަރަކު ތަރައްގީގެ ބާނީ ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގެ ޝަރީއަތްތަކަކީ، މިސަރުކާރުން އެމަނިކުފާނަށް ކުރާ އަނިޔާއެއްގެ ގޮތުގައި ލަތީފް ސިފަ ކުރައްވާފައިވާއިރު، ޔާމީން މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީއަތްތައް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެކޯޓުންވަނީ، ވުޖޫދުގައި ނެތް އެއްޗެއް ކަމަށްބުނެ ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެެހެއްޓުމަށް އަމުރެއް ނުދީފައެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކުރި ރ. ފުއްގިރިއާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތުގެ ހިފުމުގެ ދައުވާ އުފުލާފައެވެ. އިއްޔެގެ އަޑު އެހުމަކީ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމަށް އެދި ދައުލަތުން އުފުލި މައްސަލައިގެ އަޑު އެހުމެކެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ދިއްދޫ ދާއުރާގެ މެމްބަރުކަން ކުރެއްވި ލަތީފަކީ ރައީސް ޔާމިންގެ ވެރިކަމުގައި ގޮޑި ގެއްލުނުކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭރު ލަތީފްވަނީ ވަނީ ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްވެސް ކުރައްވާފައެވެ.

އެހެންނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި ލަތީފް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ. އަދި މީގެއިތުރުން ލަތީފް ފާހަގަވެގެން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރުމަށް ވަރަށް ބޮޑަށް އަޑު އުފުއްލެވި، އަދި ސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހިރާތަކުގެވެސް އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *