ގދ ތިނަދޫ ކައުންސިލް އިދާރާއިން އާންމުކޮށް ދެމުންގެންދާ ބައެއް ޚިދުމަތްތަކުން އަގު ނަގާގޮތަށް ތިނަދޫ ކައުންސިލުގެ 18 ވަނަ ރަސްމީ ބައްދަލުވުމުން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ކައުންސިލްތަކުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައެޅުމަށް ކައުންސިލްތަކަށް ލިބިގެންވާ ބާރުގެ ދަށުން އެ އިދާރާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުން އަގު ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އަގު ނެގުމަށް ނިންމާފައިވާ ޚިދުމަތްތަކަކީ:
- އުފަންދުވަހުގެ ސެޓިފިކެޓް ފުރަތަމަ ފަހަރު ފިޔަވާ ދެން ހައްދާ ކޮންމެ ފަހަރަކު 50 ރުފިޔާ
- އުފަންދުވަހުގެ ރަޖިސްޓްރީ ފުރަތަމަ ފަހަރު ފިޔަވާ ދެން ހައްދާ ކޮންމެ ފަހަރަކު 50 ރުފިޔާ
- ތިނަދޫގައި ހުރި ގެ ތަކުގެ ތެރެއިން އެއްގެއިން އަނެއްގެއަށް ރައްވެހިކަން ބަދަލުކުރުމަށް 100 ރުފިޔާ
- ތިނަދޫގެ ރައްވެއްސަކު އެހެން ރަށަކަށް ބަދަލުކުރާ ކަމަށް ވާނަމަ 200 ރުފިޔާ
- ތިނަދޫގައި ދިރިއުޅޭ ކަމުގެ ލިޔުން ހެދުމަށް 50 ރުފިޔާ
- މައުލޫމާތު އަންގައިދޭ ލިޔުން ހެދުމަށް ގަޑަކަށް 2 ރުފިޔާ
- ތިނަދޫ ކައުންސިލުން ދޫކުރާ ފޯމްތަކާއި ފޮޓޯކޮޕީތަކަށް ކޮންމެ ގަނޑަކަށް 2 ރުފިޔާ
އެގޮތުން ތިނަދޫ ކައުންސިލްގެ 18 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް، ތިނަދޫ ކައުންސިލުން ދޭ ބައެއް ޚިދުމަތްތަކުން އަގު ނަގަން ފަށާނީ، 1 ޖެނުއަރީ 2022 އިން ފެށިގެން ކަމަށްވެސް ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

