ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޣައްޔޫމްގެ ޕާސްޕޯޓް ހިފަހަށްޓަން އަމުރު ނެރެދެވެން ނެތްކަމަށް، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދިވަޑައިގެންފައިވެއެވެ.
ދައުލަތުން މައިގަނޑު ގޮތެއް ފާހަގަ ކުރެއްވި ކަމަކީ ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ކޮންމެ ވަގުތަކު ވެސް ފުރާވަޑައިގަތުމުގެ ތަނަވަސްކަމާއި އެފަދަ ބޭރުގެ ގުޅުންތައް އޮންނާނެ ކަމުގައެވެ. އަދި ޝަރީއަތް ހިންގަން ޔާމީން ކޮންމެހެން މާލޭގައި ހުންނަވަން ޖެހޭ ކަމުގައި ދައުލަތުން ވިދާޅުވިއެވެ.
ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ އެމަނިކުފާނުގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން މިހާރު ވެސް އެމަނިކުފާނަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގައެވެ. އަދި މިހާތަނަށް ވެސް ޔާމީން ގެންދެވީ ޝަރީއަތަށް އެއްބާރުލުން ގެންދަވަމުން ކަމުގައި ދިފާއީ ވަކީލުން ވިދާޅުވެއެވެ.
މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ދެން ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފައެވެ. ޕާސްޕޯޓްގެ މުއްދަތު ހަމަވިކަން ދައުލަތަށް އެނގޭތޯއާއި، އާ ކުރާއިރު ދޫކުރަނީ އާ ނަންބަރެއްތޯއާއި، ދައުލަތަށް ނޭނގި އާ ކުރެވޭނެ ޖާގަ އޮތްތޯ ގާޒީ ސުވާލު ކުރެއްވިއެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން ދައުލަތަށް އެނގޭ ކަމަށެވެ. އަދި ޕާސްޕޯޓް އާކުރާއިރު ދޫކުރަނީ އާ ނަންބަރެއް ކަމުގައެވެ. އިމިގްރޭޝަންގައި އެ ކަމަށް އެދިއްޖެ ހާލަތެއްގައި، އާ ޕާސްޕޯޓް ދޫކުރުމުގެ ކުރިން ދައުލަތަށް ހުއްޓުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާ ކަމުގައެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލެވެއެވެ. އެހެންވެއާއެކު އޭނާ ފުރުމުގެ ޖާގައާއި ސަބަބެއް ވެސް ނެތް ކަމުގައެވެ. ބުރަދަނެއް ހުރި އިތުރު ސަބަބެއް ވެސް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވެއެވެ.
ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.

