ގައުމީ ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުތީ، ކޭވައިއާރްސީއާ ދެކޮޅަށެވެ. ފައިނަލް މެޗު ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރީ، 52 ޕޮއިންޓް، 32 ޕޮއިންޓުންނެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާއެވެ.
22 ނޮވެމްބަރ އިން 5 ޑިސެމްބަރ ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރީ ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް ޝައިނިން ސްޓާއެެވެ.
މީގެ އިތުރުން މި މުބާާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބްއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކޭވައިއާރްސީ ނުކުތީ ކްލަބް މެޓްރިކްސް އާއި ދެކޮޅަށެވެ. ކޭވައިއާރްސީން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ 27 ޕޮއިންޓް، 30 ޕޮއިންޓް އިން މެޓްރިކްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީގެ މުހައްމަދު އަރާޝް އައްސަދުއެވެ.

