ނަފްރަތުގެ ބިލް ތަސްދީގު ކުރައްވައިފި

ނަފްރަތުގެ ބިލް ތަސްދީގު ކުރައްވައިފި

އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް އާއްމު ތަނެއްގައި ނުބުނެވޭ ގޮތަށް ފާސްކުރި ނަފްރަތުގެ ބިލް މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ. މިއަދުން ފެށިގެން މިގާނޫނަށް އަމަލު ކުރަން ފަށާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވާފައިވާ ކަމަށެވެ. މި ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މި ބިލުގައި ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ.

މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެކަންކަން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ޚިލާފުނުވާގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ. ހަމަ އެހެހެންމެ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުންވެސް ކުށުގެ ގޮތުގައި ހިމަނާފައި ވެއެވެ. އަދި މިއިން ޢަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއި ވެސް ކުށުގެ ގޮތުން މި ބިލުގައި ބަޔާންކޮށްފައިވާ ކަމެކެވެ.

އެހެންނަމަވެސް އެކި ކަންކަމާމެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސްނާޅާކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މާއްދާގައި، ކުށް ދަރަޖަ ކުރާގޮތްތަކާއި މާނަ ކުރުންތައް ހިމަނާފައިވެއެވެ.

ދެން މިބިލުގައި އިސްލާޙު ހުށަހަޅާފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމަށެވެ. އެގޮތުން (ހ) ގެ 5 ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅާފައެވެ.

ހަމަ އެހެންމެ (ހ) ގެ 6ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއްކަމުގައި ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *