ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކުރައްވާފައިވާ މި މަޝްރޫޢުއަކީ 28.87 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 7 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

