ގދ. ތިނަދޫ އަކީ ބޮޑުއާބާދީ އެއް ދިރިއުޅެމުންދާ ރަށަކަށްވާތީ ކެއްކުމަށް ބޭނުންކުރާ ގޭސް ވެސް ގިނަޢަދަދަކަށް ބޭނުންވެއެވެ. ނަމަވެސް މިފަހަކުން ތިނަދޫ އިން ގޭސް ލިބުމުގެ ކަންތައް ވަނީ ވާނުވާ ނޭގުމެއްގެ ތެރޭގައެވެ. އެގޮތުން އިރުއިރުކޮޅާ ރަށުން ގޭސް ހުސްވެ ގޭސް ނުލިބުމާއި އަބަދުވެސް ގޭސް "އަންނަނީ އަންނަނީ" ގައި ވުން ހިމެނެއެވެ. ކައްކާ ގޭހަކީ މިހާރު ހަނޑޫ ހަކުރު ފުށް ފަދައިން ވަރަށް މުހިއްމުކޮށް ބޭނުންވެފައިވާ އެއްޗަކަށްވާތީ އިރުއިރުކޮޅާ ރަށުން ގޭސް ހުސްވުމަކީ ޢާއްމުރައްޔިތުންނަށް ބޮޑެތި ތަކުލީފް އުފުލަންޖެހޭ އަދި ވަރަށްބޮޑަށް ދަތިވަމުންދާ ކަމެކެވެ. މިކަމަކީ ތިނަދޫ ކައުންސިލުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ވިސްނާ މިހިދުންމިހިދަށްވެސް ފިޔަވަޅު އަޅަންޖެހިފައިވާ ކަމެކެވެ.
ތިނަދޫގައި ކުރިން ކައްކާގޭސް ވިއްކަމުންދިޔައީ އެސްޓީއޯ އިން ނަމަވެސް، އެސްޓީއޯ ގެ ޕޮލިސީއަށް އައި ބަދަލާއެކު ކައްކާގޭސް ވިއްކުންވެސްވަނީ އަމިއްލަފަރާތަކާއި ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްފައެވެ. އެގޮތުން ކައްކާގޭސް ތިނަދޫއަށް ވިއްކުމަށް ޙަވާލުކޮށްފައިވަނީ ތިނަދޫ ދެކުނުދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ އަޙްމަދު (އަބުޅޯ) ގެ ވެލްކޯ ޝިޕިންގ އެންޑް ޓްރޭޑިންގ އާއެވެ. މުޢުތަބަރު ގޮތެއްގައި މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުންޏަށް ކައްކާގޭސް ތިނަދޫއަށް ސަޕްލައި ކުރުމުގައި މައްސަލަ ދިމާވަމުންދަނީ އެކުންފުންޏަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުންނެވެ. އެގޮތުން މޯލްޑިވް ގޭސް އަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ މިހާރުވެސް ނުދައްކާ އެބައޮތެވެ. އެހެންކަމުން މޯލްޑިވް ގޭސް އިން ވެލްކޯ އަށް ގޭސް ކްރެޑިޓަށް ދިނުމުގައި ދަތިތަކެއް ހުރުމުން ގޭސް އެފަރާތަށް ދޫނުކުރާތީ ގޭސް ތިނަދޫއިން ލިބުމުގައި ދަތިތަކެއް ދިމާވަމުންދަނީއެވެ. އަދި ވެލްކޯއަށް މިދިމާވެފައިވާ ކަންތަކަށް އަވަސް ޙައްލެއްވެސް ލިބޭނެކަމުގެ އުއްމީދު ކުޑަ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އަނެއްކޮޅުން ތިނަދޫއަށް ކައްކާގޭސް ވިއްކުމަށް ޙަވާލުކޮށްފައިވަނީ ސިޔާސީ ފަރާތަކާއި ކަމަށްވުމުން އެކަމުގެ ކަންބޮޑުވުންވެސް ތިނަދޫގެ ބައެއް ފަރާތްތަކުގައި އެބައޮތެވެ. ގޭސް ވިއްކަމުންދާ ފަރާތާއި ސިޔާސީ ގޮތުންވެސް ނުވަތަ އެހެންގޮތަކުން ޚިޔާލު ތަފާތުވެފައިވާ ފަރާތަކުން ގޭސް ހޯދަން ގުޅުމުން ގޭސް ހުސްވެފައިވާ ކަމަށް ބުނާއިރު، އޭގެ އިރުކޮޅެއް ފަހުން ގޭސްވިއްކާ ފަރާތާއި ގުޅުންއޮންނަ މީހަކު ގޭސް ހޯދަން ގުޅުމުން ގޭސް ލިބޭކަމުގެ ވާހަކަވެސް ރަށުތެރޭގައި ދެކެވެއެވެ. އިންސާނުންގެ ދިރިއުޅުމަށް ނުހަނު ބޭނުންވާ ކައްކާގޭސް ވިއްކުމުގައި ވެލްކޯގެ ފަރާތުން ތިނަދޫ ގައި ޙަރަކާތްތެރިވާ ފަރާތަކީ ވަރަށްފަހުންވެސް ޖިނާޢީ މައްސަލައެއްގެ ޙުކުމް ޖަލުގައި ތަންފީޒުކޮށްފައިވާ އަދި ސޯޝަލްމީޑިޔާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޭއަދަބީކޮށް އުޅެމުންދާ އެތައްބަޔަކާއި މައްސަލަޖެހި ހަޑިހުތުރު ކަންތައްތަކެއް ކުރަމުންދާ މީހެއްކަންވެސް ރަށުގެ ގިނަބަޔަކު ފާހަގަ ކުރާއިރު އެމީހަކީ އެއީ ގިނަބަޔަކު އެމީހަކާއި މުޢާމަލާތް ކުރަން ބޭނުންނުވާ މީހެއް ކަމަށްވެސް ފާހަގަ ކުރެވެއެވެ.
އެހެންކަމުން ތިނަދޫގައި ވިއްކާ ކައްކާގޭހުގެ ކަންތައް ރައްޔިތުންނަށް ދަތިނުވާގޮތަކަށް އަދި ގޭސްފަދަ އަސާސީ އެއްޗެއްގެ ޚިދުމަތްދޭ ފަރާތަކީ އެންމެހާ ރައްޔިތުންނަށްވެސް އެމީހަކާއި މުޢާމަލާތް ކުރެވޭފަދަ އަޚްލާގެއްގެ ވެރިޔަކަށް ހަދަންޖެހެއެވެ. ވީމާ ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް ނުހިގަނީސް ތިނަދޫކައުންސިލާއި ކަމާއިބެހޭފަރާތްތަކުން ކައްކާގޭހުގެ ކަންތަކުގައި އަވަސް ޙައްލެއް ހޯދައިދިނުން މުހިއްމުކަމަށް ދެކެމެވެ.

