އެރައިސް މަޝްރޫޢުގެ ދަށުން ށ. ފުނަދޫގައި ސޯލަރ ހަކަތައިގެ ނިޒާމް ގާއިމުކުރުމަށް ބީލަމަށް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެނަވަޔަރމަންޓް، ކްލައިމެޓް ޗޭންގް އެންޓް ޓެކްނޮލޮޖީއިން ފަށައިފިއެވެ.
މިނިސްޓްރީ އިން މިމަސައްކަތާ ގުޅިގެން މިއަދު ނެރުނު އަދާހަމައިން ދައްކާ ގޮތުގައި، ފުނަދޫގައި ގާއިމުކުރެވިގެންދާ ސޯލަރ ހަކަތައިގެ ނިޒާމުގައި، 01 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ގާއިމުކުރުމުގެ އިތުރުން އެރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުން ހިމެނެއެވެ. އަދި 900 ކިލޯވިޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްއެއް ގާއިމުކުރުން ހިމެނެއެވެ.
ފޮނަދޫ ސޯލަރ ހަކަތައިގެ ނިޒާމް ގާއިމުކޮށް ނިމުމުން އަހަރަކަށް، 2020 ވަނަ އަހަރުގެ ޕީކް ޑިމާންޑްގެ 143 އިންސައްތަ ރަށުގެ ޕީކްލޯޑް ސޯލަރ ހަކަތައިން އުފެއްދޭނެއެވެ. އަދި އަހަރެއްގެ މައްޗަށް 1.6 މިލިއަން ޔުނިޓް ކަރަންޓު ސޯލަރ ހަކަތައިން އުފެއްދޭއިރު، 4.4 ލައްކަ ލީޓަރުގެ ތެޔޮ މަދުކުރެވޭނެއެވެ. އެގޮތުން 3.5 މިލިއަން ރުފިޔާ ތެލަށް ކުރާ ހަރަދުން ކުޑަކުރެވިގެންދާނެއެވެ.
މިމަޝްރޫއުގެ ދަށުން އަހަރެއްގެ މައްޗަށް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 1154 މެޓްރިކް ޓަން ދަށްކުރެވޭއިރު، ކާބަންގެ އަދަދު 46،187 ދަށްކުރެވޭނެ އެވެ. އެއީ އަހަރަކު ގަހަކުން ދަށްކޮށްދޭ އަދަދާ އެއްވަރު އަދަދެކެވެ.

