ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މިލަދު ބަނދަރު ތަރައްގީ ކުރަމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނީ، މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އޭގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

