ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މާފުށި ޕިކްނިކް އައިލެންޑްގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ އެމްޓީސީސީ އިން ބުނީ،ީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ކުންފުންޏާއި ހަވާލުކުރައްވާފައިވާ މި މަޝްރޫޢުއަކީ 8.10 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކަމަށެވެ.
މިމަޝްރޫއުގެ ދަށުން މާފުށީގައި 2 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މިއީ، ޕިކްނިކް އައިލެންޑްގެ ގޮތުގައި އެކުންފުނިން ބިންހިއްކާ 3 ވަނަ މަޝްރޫއު ކަމަށްވެސް އެމްޓީސީސީއިން ބުންޏެވެ.
އެގޮތުން، މި ކުންފުނީގެ ފަރާތުން ކ. ގުރައިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކާފައިވާ ކަމަށާއި، އަދި މީގެ އިތުރުން މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑް ގެ ގޮތުގައި ތަރައްޤީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް ގެ ބިންހިއްކުމުގެ މަސައްކަތް 06 ނޮވެމްބަރ 2021 ގައި ވަނީ ފެށިފައި ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.
މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 19 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

