ވައްކަމާ ދެކޮޅު ކަމަށް ބުނެ އުފެއްދި އެމްއެންޕީ އުފެއްދުމުގައިވެސް ވައްކަން!

ވައްކަމާ ދެކޮޅު ކަމަށް ބުނެ އުފެއްދި އެމްއެންޕީ އުފެއްދުމުގައިވެސް ވައްކަން!

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްކޮށް ހުންނަވާ އުފައްދާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) އިން މެމްބަރުން އިތުރުކުރުމަށް ވަގަށް ފޯމު ފުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމްއެންޕީއިން ވަގަށް ފުރާފައިވާ 100 އެތައް ފޯމެއް އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާކަމުގެ މައުލޫމާތު ވަރަށް މުއުތަބަރުގޮތަކަށް ލިބިފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެމްއެންޕީގެ ދަފްތަރުގައި ނަން އޮތް ބައެއް މެމްބަރުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަން ހިނގައިދިޔަގޮތް ހޯދުމަށް އެމްއެންޕީއާއި މުއާމަލާތް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޕީގެ ދަފްތަރުގައި ޖައްސާފައި އޮތް ޕީޕީއެމްގެ މެމްބަރަކުވެސް ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ޓްވީޓުކޮށްފައެވެ. ޕީޕީއެމްގެ މެމްބަރު އަބްދުﷲ އާގިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ރައީސް ޔާމީންއަށް ތާއީދުކުރާ މީހެއްކަމަށާއި، އޭނާއަކީ ފެށުނިއްސުރެވެސް ޕީޕީއެމްގެ މެމްބަރެއްކަމަށެވެ. އަދި އެމްއެންޕީއިން ވަނީ އޭނާގެ ސޮޔާއި ނިޝާން ވަގަށް ނަގާފައިކަމަށް އާގިލް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ހަމަ އެއާއެކު އޭނާއަށް ވަގަށް އެމްއެންޕީގެ ދަފްތަރުގައި އޭނާގެ ނަން ހިމަނާފައިވާ މައްސަލަ ބަލާދިނުމަށް އިލެކްޝަން ކޮމިޝަނުގައިވެސް ވަނީ އެދިލައްވާފައެވެ.

ޕީޕީއެމްގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އެމްއެންޕީގެ ދަފްތަރުގައި ޖައްސަމުންދާކަމުގެ މައުލޫމާތުތައްވެސް ލިބިފައިވާކަން "ދެން" އޮންލައިނުން ވަނީ ހާމަކޮށްފައެވެ. ވަގަށް ފޯމު ފުރާ އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިނގިލީގެ ނިޝާން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތްކަމަށެވެ.

އެމްއެންޕީ ފޯމު ފުރާ ފަރާތްތަކަށް ފައިސާގެ ހުށައެޅުންތައް އެ ޕާޓީ ހުށައަޅަމުންދާކަމުގެ ތުހުމަތުތަކެއްވެސް ވަނީ މީގެ ކުރިން ކުރެވިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *