މިއަހަރުގެ 3 ވަނަ ކުރާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 55.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް 484.61 މިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. މިއީ ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް ލިބިފައިވާ އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.
ދެ ވަނަ ކުއާޓާގައި އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 423.32 މިލިއަން ރުފިޔާއެވެ.
ތިން ވަނަ ކުއާޓާގައި ޓެކުހަށް ކަނޑާފައި ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބުނު އިރު، ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބިފައި ވަނީ 63 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ކޮންޓްރެކްޓު މަސައްކަތްތަކުން ކަމަށެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ހަރަދު ކުރީ، ދެ ކުއާޓާއާ އަޅާ ބަލާ އިރު ވަނީ އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދު 36.7 މިލިއަން ރުފިޔާގައި ހުރި އިރު ދެ ވަނަ ކުއާޓާގައި 42.6 މިލިއަން ރުފިޔާ ހަރަދުވިއެވެ.
ތިން ވަނަ ކުއާޓާގައި ހަރަދު ވަނީ 56.7 މިލިއަން ރުފިޔާ އަށް އަރައިފައެވެ.
އެމްޓީސީސީގައި ތިންހާހެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، އެކުންފުނިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިވަގުތު 86 މަޝްރޫއެއް ކުރިއަށް އެބަގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމާއި އެއާޕޯޓު އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމާއި މަގުތައް ހެދުން ފަދަ މަޝްރޫއުތަކެވެ. ތިން ވަނަ ކުއާޓާގައި މީގެތެރެއިން 10 މަޝްރޫއެއް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ.
އަދި ތިން ވަނަ ކުއާޓާގައި އަލަށް 15 މަޝްރޫއެއް އެމްޓީސީސީއާ ހަވާލު ކުރިއިރު 10 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި ކުއާޓާގައި އަލަށް ފެށުނެވެ.

