ނަރުހުގެ މަރު: މަރުވުމުގެ ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" ބައްދަލުކުރިކަން އެނގިއްޖެ

ނަރުހުގެ މަރު: މަރުވުމުގެ ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" ބައްދަލުކުރިކަން އެނގިއްޖެ

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްގެ އަންހެން ނަރުހެއްގެ މަރުގެ މައްސަލައިގައި ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ، އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާއިރު، އެ އަންހެން މީހާ މަރުވުމުގެ ދުވަސްތަކެއް ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" އޭނާއާ ބައްދަލުކުރިކަން ތަހުގީގަށް އެނގިއްޖެއެވެ.

އައިޖީއެމްއެޗް ޑަޔަލަސިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން ދިޔަމި އަންހެން މީހާގެ ފިރިމީހާ އަކީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތްކުރަމުން ދިޔަ ނަރުހެކެވެ. މި އަންހެން މީހާގެ މަރާގުޅިގެން ދެއްކޭ ބައެއް ވާހަކަތަކުގެ ތެރޭގައި، މި ދެމަފިރިންގެ ދެމެދުގައި އެކި މައްސަލަތައް ޖެހެމުން އައިސްފައިވާކަމާއި، އަދި އެކަން ހިނގަމުން ދިޔައީ ފިރިހެން މީހާ ދިވެހި އަންހެނަކާ އެކު ލޯބީގެ ގުޅުމެއް ބާއްވަމުން ދިއުމުން ކަމަށް ވާހަކަ ދެކެވެއެވެ. ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ކަމަށް ތުހުމަތު ކުރެވެނީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރަމުން އައި ޖޫނިއަރ ނަރުހަކާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެންމީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ނަރުސް، ފިލިޕިންސްގެ ނަރުހަށް މީގެކުރިން އިންޒާރުދީ ހަދާފައިވާ ކަމަށާއި އަދި އޭނާއަކީ އެކި ގުޅުންތައް އޮންނަ ބާރުގަދަ މީހެއްކަމަށްވެސް ބުނެ ބިރުދައްކާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

މަރުވި ނަރުސް މަރުވުމުގެ ދުވަސްތަކެއް ކުރިން، ފުލުހެއްކަމަށް ބުނާ މީހަކު ބައްދަލުކުރަން ބޭނުންވެގެން ބައްދަލު ކުރި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ފިލިޕިންސްގެ ނަރުސް ވަނީ އެކަން އޭނާއާއެކު މަސައްކަތްކުރާ އެކި ފަރާތްތަކަށް ކިޔައިދީފައެވެ.

އެގޮތުން "ގޮތް ނޭންގޭ ފުލުހަކު" ބައްދަލު ކުރަން އެދުމުން، ބައްދަލުކޮށްފައިވަނީ މާލޭގެ ރެސްޓޯރެންޓެއްގައި ކަމަށާއި، މި ބައްދަލުވުމުގައި އެ ފުލުސްމީހާ އޭނާގެ ކާޑު ދައްކާ ކަންކަން ކޮށްފައިވާކަން އެނގިފައިވެއެވެ. މި ކަމަކީ ބިރު ދެއްކުވުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށް ބެލެވޭކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. އަދި ތަހުގީގަށް، މިބުނާ ފުލުސް މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފިލިޕިންސްގެ ނަރުސް މީހާގެ މަރާމެދު ޝައްކު އުފެދުނީ ފިރިހެންމީހާގަ ދެފަހަރު ދެގޮތަށް ވާހަކަ ދެއްކުމުންނެވެ. ނަރުސް މީހާ އެ ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީ ނިންމުމަށްފަހު ގެޔަށް ދިޔައީ ގާތްގަނޑަކަށް 12:10 ގައެވެ. އަދި އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނައީ 12:47 ހާއިރުއެވެ.

އަންހެން މީހާ މަރުވި ގޮތާމެދު ފިރިހެންމީހާ ދެގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން އެކަމުގައި ޝައްކުއުފެދި މަރު ތަހުގީގު ކުރުމަށް އެދުނީ އާއިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާގެ ކަރުގައި، ބާރަށް ހެފެހެއްޓުމުން ހުންނާނެކަހަލަ ނިޝާންތަކެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ކަނާއަތު ފައިގެ މަތިންވެސް ކަނޑައިގެން ގޮސްފައިވާކަމަށާއި، ފިރިހެންމީހާގެ ގައިގެ އެކިތަންތަނުން، ނިޔަފަތި އެޅުމުން ހުންނާނެކަހަލަ ނިޝާންތަކެއްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގައި ފިރިހެންމީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަންހެން މީހާގެ ހަށިގނޑު ޕޯސްޓްމޯޓަމް ހެދުމަށްވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *