ލ.ގަމު ފަސް މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފިއެވެ.
ފެނަކަ އިން ބުނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓްމީޓަރިންގ މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 60kWp ސޯލަރ ޕީވީ ހަރުކުރެވިގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ގަމު ކައުންސިލުން ކަރަންޓަށް ކުރެވޭ ހަރަދު ބޮޑުތަނުން ލުއި ވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރެވޭ އަދަދު 80 ލީޓަރު މަދުކުރެވިގެން ދާނެކަމަށް އަންދާޒާ ކުރެވޭއިރު, މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑިސަލް ސަލާމަތް ކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.
މީގެއިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް ފަސް ޓަން މަދުވެގެންދާނެ ކަމަށްވެސް ފެނަކަ އިން ހާމަކުރެ އެވެ.
ފެނަކަ އިން ބުނީ ދެމެހެއްޓެެނިވިި ގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެ އަމާޒުތަށް ހާސިލްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

