ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ދެއްކެވި ވާހަކަ ކަމަށް ބުނެ ދައުރުކުރީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށް ޖޭއެސްސީން ބުނެފި އެވެ.
ޖޭއެސްސީން ބުނީ މީޑިއާގައި ދައުރުވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ދެއްކެވި ވާހަކަ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންނަށް ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ކޮމިޝަނަށް ފޮނުއްވާފައިވާ ކަމަށެވެ.
އެ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހުންގެ އަޑު ދިމާނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކަކަށް ވާތީ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
"ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ، ގާޒީ ފާއިޒު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، މި މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމައި ތަހުގީގު ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައި،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
އެ އޯޑިއޯގައި ގާޒީ ފާއިޒު ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލުކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެގޮތަށް ފަނޑިޔާރުގެ އަމަލު ބެހެއްޓެވުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއިޒު ފައިދާނެގުމުގެ ފުރުސަތު ފަހިވި ކަމަށެވެ. އަދި އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލު ހިންގުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

