ދައުލަތުގެ ބަޖެޓް 2022: ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރަނީ 24.3 ބިލިއަން ރުފިޔާ

ދައުލަތުގެ ބަޖެޓް 2022: ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރަނީ 24.3 ބިލިއަން ރުފިޔާ

އަންނަ އަހަރު 24.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައިބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި އިޤުތިޞާދު މިވަނީ ކުރިއަރަން ފަށާފައި. އެހެންކަމުން އިޤްތިޞާދަށް މިއަންނަ ހެޔޮ ބަދަލުތަކުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެ ކަމުގައި އަމީރު ވިދާޅުވިއެވެ. އެގޮތުން 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީ އިޤްތިޞާދީ ގޮތުން ފާގަތި، ވިޔަފާރިތަކަށް ފަހި އަހަރެއްކަމުގައި ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފުރަބަންދުކުރުމުގެ ފިޔަވަޅުތައް ލުއިކޮށް، ބޯޑަރުތައް ހުޅުވާލަން މިއަހަރުގެ ތެރޭގައި ފެށުމާއެކު، ބައިނަލްއަގުވާމީ ދަތުރުފަތުރު އިތުރުވެ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށެވެ.

މިއަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން ކަމުގައި އަމީރު ވިދާޅުވިއެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުމާއި، ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން ހިމަނުއްވާފައިވާނެ ކަމަށެވެ.

މީގެ ތެރެއިން ގިނަ ސިޔާސަތުތަކަކީ މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނު ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން މިއަންނަ އަހަރަށް ފަސްކުރެވިފައިވާ ކަންކަން ކަމަށް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *