ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޕްރޮގްރާމް ކުރިއަށްގެންދަން ނިންމައިފި

ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޕްރޮގްރާމް ކުރިއަށްގެންދަން ނިންމައިފި

ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީގެ މެންޓަލް ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރ އައިމިނަތު ޝަހުޒާ ވިދާޅުވެއްޖެއެވެ.

ޝަހުޒާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތް ރާވައި މިހާރު ނިމިފައިވާކަމަށާއި މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ ޓާރޝަރީ ހޮސްޕިޓަލުތަކުގައިކަމަށް ޝަހުޒާ ވިދާޅުވިއެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވަނީ މި ސަރަހައްދުތަކުގައި މެންޓަލް ހެލްތު ޓީމުތައް އެކުލަވާލައިގެން ކަމަށެވެ. މި ޕްރޮގްރާމް ފެށުމުން މިފަދަ ބަލިތަކުގައި މެންޓަލް ހެލްތު ސެންޓަރާ ހަމައަށް އަންނަ މީހުން މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތަކުން މި ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ޝަހުޒާ ވިދާޅުވިއެވެ.

ޝަހުޒާ ވިދާޅުވީ ޓާރޝަރީ ހޮސްޕިޓަލުތަކުން އެ ސަރަހައްދުތަކުގައި ހުންނަ އަތޮޅު ހޮސްޕިޓަލުތަކާއި ގުޅިގެން މިފަދަ މައްސަލަތައް ހުންނަ މީހުން ދެނެގަތުމަށް އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމާއި، މިފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ޕްލޭން ނިމި، މިހާރު އޮތީ މި މަސައްކަތް އެންޑޯޒްކުރުމުގެ މަރުހަލާގައި ކަމަށެވެ. ޝަހުޒާ ވިދާޅުވީ މި މަސައްކަތުގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އެއީ މި މަސައްކަތަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި، ކައުންސިލް ދޭ މީހުން ހޯދުމުގައި ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު އޮތް ގޮތުންވެސް ގޮންޖެހުންތައް ދިމާވާކަމަށް ޝަހުޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ޑޮކްޓަރުންނާއި، ނަރުހުންނަށް މެންޓަލް ހެލްތު ދާއިރާއިން ތަމްރީނު ދިނުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ޝަހުޒާ ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ ބަލި މީހުންނަށް ފަރުވާދޭ ކޮންމެ މީހަކީވެސް, ނަފްސާނީ ގޮތުން އަސަރުކޮށްކޮށްފައިވާ ބަލި މީހުންނަށްވެސް ދޭން ޖެހޭ އެންމެ ފުރަތަމަ ފަރުވާ ދެވޭވަރުގެ ބަޔަކަށް ހެދުން ކަމަށް ޝަހުޒާ ވިދާޅުވިއެވެ.

ޝަހުޒާ އިތުރަށް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ވަރަށް ގިނަ ބަޔަކު މިވަގުތު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް މި މީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ދެވޭނެ ވަރަށް ކެޕޭސިޓީ ރާއްޖޭގައި ނެތް ކަމަށެވެ. ވަކިން ޚާއްސަކޮށް މި ދާއިރާއަށް ނިކުންނަ މީހުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން ދެނެގަތުމަށް އެންމެ ފަހުން ސަރވޭއެއް ހަދާފައިވަނީ 2003ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ތެރޭގައި މިކަމުގެ ސަރވޭއެއް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *