ބީ.އެމް.އެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ގާއިމްކުރި ޕާރކް ހުޅުވައިފި

ބީ.އެމް.އެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ގާއިމްކުރި ޕާރކް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި އަލަށް ގާއިމް ކުރެވުނު ކޮމިޔުނިޓީ ޕާރކް ހުޅުވައިފިއެވެ.

"ރަށްސިގަނޑު" ގެ ނަމުގައި ދިއްދޫ އަތިރިމަތީގައި ގާއިމްކުރެވުނު މި ޕާރކް ހުޅުވައިދެއްވީ ދިއްދޫ ފެނަކަ ބުރާންޗްގެ ސްޓޭޝަން އިންޗާރޖް މުހައްމަދު ނައީމެވެ.

ދިއްދޫގައި ކޮމިޔުނިޓީ ޕާރކެއް ގާއިމް ކުރުމަށްޓަކައި ބޭންކުގެ ކޮމިޔުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހަޅައި ޕުރޮޕޯސަލް ކާމިޔާބު ކޮށްފައިވަނީ ދިއްދޫގެ އިޖްތިމާއީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމުއިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯރޓްސް ކުލަބުންނެވެ.

ބީ.އެމް.އެލް.ގެ ކޮމިޔުނިޓީ ފަންޑުގެ ދަށުން 50000 ރުފިޔާ ލިބިފައިވާއިރު މި ފައިސާގެ އިތުރުން ޕާރކް ތަރައްގީކުރުމަށްޓަކައި 100،000 ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް މިޑްލް ސްޕޯރޓްސް ކުލަބްގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވިއެވެ. ނަޝްވާން ވިދާޅުވި ގޮތުގައި މި ޕާރކް ތަރައްގީކުރުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުލަބްގެ މެމްބަރުންނާއި ދިއްދޫ ކައުންސިލް ،ފެނަކާ އަދި ދިއްދޫ ޕޮލިސް ސްޓޭޝަން ހިމެނެއެވެ.

ނަޝްވާން ވިދާޅުވީ ޕާރކްގެ ހެދުމުގެ މައިގަނޑު މަގްސަދަކީ އާއިލާ ނުވަތަ ރަޙުމަތްތެރިންނާއި އެކު ހިތްފަސޭހަ ވަގުތުތަކެއް ހޭދަ ކޮށްލާނެ ތަނެއް ރަށުގައި ހެދުންކަމަށެވެ. އަދި މި ޕާރކް ތަރައްގީ ކުރިއިރު ވިސްނުމުގައި ހުރީ ކުދިބޮޑު އެންމެނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުން ކަމަށާއި މި ޕާރކްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަން ޔަގީންކުރާ ކަމަށާޢި ދެމެހެއްޓެނިވިގޮތުގައި ޕާރކް ބެލެހެއްޓުމަށްޓަކައި އަދި އަންހެނުން ބާރުވެރިކުރުމަށްޓަކައި ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ޚާއްސަކޮށް ވިޔަފާރި ކުރެވޭނެ އިމާރާތެއްވެސް ހެދިފައިވާނެ ކަމަށް ނަޝްވާން ވިދާޅުވިއެވެ.

މި ޕާރކްގައި ވަނީ ބާރބަކިޔު ހެދުމަށްޓަކައި ގްރިލްތަކެއް ހެދިފައިއެވެ. އަދި ކެއުން ބުއިމަށް ޚާއްސަ ކުރެވިގެން މޭޒާއި ގޮނޑިތަކެއް ވެސް ވަނީ ހެދިފައެވެ. އޭގެ އިތުރުން ޖޯލިތަކާއި ހެއްލޭ އުދޯނލިތަކެއް ބެހެއްޓިފައިވާއިރު ފޮތް ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އައުޓްޑޯ ލައިބްރަރީއެއްވެސް ގާއިކުރެވިފައިއެވެ. ޕާރކް ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި 5 ޑަސްބިނެއް ބެހެއްޓިފައިވާއިރު، ޕާރކް ރޭގަނޑު ބޭނުންކުރެވޭނެ ގޮތަށް ޓައިމާރ ލައިޓްވެސް ވަނީ ހަރުކުރެވިފައެވެ.

"އަހަރެންގެ ބޭންކް" ކޮމިޔުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ހިންގުމަށް ބޭނުންވާ ޕުރޮޖެކްޓްތަކަށް އެހީވުމަށް ބޭންކުން ތައާރަފް ކުރި ފަންޑެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *