އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
އިނގިރޭސިވިލާތުން ދެ ރައީސުންނަށް މަރުހަބާ ދެންނެވީ ނިއުކާސަލްގެ މޭޔަރު ހަބީބު ރަހްމާން އާއި ރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް އެވެ.
ދެ ރައީސުންގެ މި ދަތުރުފުޅުގައި އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާއާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނޭގޮތުން ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ސްކޮޓްލަންޑުގެ ގްލާސްގޯގައި ބާއްވާ ކޮޕް26ގެ ސަމިޓުގައި ރައީސް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ސަމިޓުގެ ތެރެއިން މި ވަފްދުގައި ހިމެނޭ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށާއި އެކި ޤައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސް އޮފީހުން ބުނީ ކޮޕް26 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެއް ކަމަށެވެ.
ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

