އައްޑޫ ސިޓީ ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ފްލައިން ސްކޫލާއި ގުޅޭ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު ސޮއި ކޮށްފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
އައްޑޫގައި ފްލައިން ސްކޫލް ކުރިން ހިންގަމުން އައިސްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.
އެއްބަސްވުން އާނުކުރަން ނިންމިއިރު އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
މޯލްޑިވިއަން އިން އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.
އެ ސްކޫލްގެ ކިޔެވުން އަންނަ ޑިސެމްބަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އޭއޭއޭ އިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

