އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ދެން ޖަލްސާ އޮންނަ ދުވަސް އިއުލާންކުރައްވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ ވިދާޅުވީ, ދެން ޖަލްސާ އޮންނާނީ އޮކްޓޯބަރ 31ވާ އާދިއްތަ ދުވަހުކަމަށެވެ. އެދުވަހު އޮންނާނީ ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުންކަމަށް ވިދާޅުވިއެވެ. އާދިއްތަ ދުވަހަކީ އާންމު ގޮތެއްގައި ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ.

2022 ވަނަ އަހަރަށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ފައިނޭންސިންގ ގެޕް ބޮޑުވުމާއެކު, ބަޖެޓް އެއަށްވުރެ ބޮޑު ނުކުރެއްވުމަށް ހުށަހަޅުއްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި, ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ 2022ން 2024ށް, އަދި މިއަހަރުގެ ފިސްކަލް ރިސްކު އެސެސްމަންޓާ ގުޅޭގޮތުން މައުލޫމާތު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ޖުމްލަ ބަޖެޓް ހުންނާނެކަމަށް ލަފާކުރެވެނީ 33.8 ބިލިއަން ރުފިޔާގައިކަމަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ އަންނަ އަހަރު ބޭނުންވާނެއެވެ.

އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު އއ ހިމަންދޫގެ ބަނދަރު ހުޅުއްވައިދެއްވެމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ, އަންނަ އަހަރަށް އަންދާޒާކުރަނީ 36.9 ނުވަތަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށްކަމަށެވެ. މީގެތެރޭގައި އެންމެ އިސްކަމެއް ދީފައިވާނީ މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދުގެ ދަށުން, މިނިމަމް ވޭޖް ކަނޑައެޅުމާއެކު މުސާރައަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންނަ އަހަރުގެ ބަޖެޓްގައި 600 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 33.4 ބިލިއަން ރުފިޔާގެ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 12.3 ބިލިއަން ރުފިޔާއިންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *