ކޯވިޑްގެ ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެންވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ކޯވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައިއޮތް އިރުވެސް ފެނިގެންދިޔައީ ރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިޔަށް ދިޔަތަން ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާއެކު ކުރެވިގެންދިޔަ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އަދި ކައިރި ޤައުމުތަކުގައި އަދިވެސް ކޯވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޯވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެގޮތުން ކޯވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓަރިކްޝަންތަކާ މެޝަރސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެމަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

