އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން 'ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' ނަމުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ޤައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވާ އެއީ މިއަދު ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތު ކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޙާލަތަށްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ޤައުމަކުންވެސް 'ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން' (އެން.ޑީ.ސީ) އަށް އިންޤިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިޤްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަޤީގަތުގައި ބޭނުންވަނީ ބޮޑެތި އިޤްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫ.އެން.ޖީ.އޭ އަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ “ އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް” އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.
'ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ.

