2025ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ހިފައި މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްްޖެއެވެ.
ހެލްތް މިނިސްޓަރު މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި، ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް, އާހިތްވަރަކާއެކު ސަރަހައްދުން ޓީބީ ނައްތާލުމާ ގުޅޭގޮތުން ވަރޗުއަލްކޮށް ކުރިއަށްދިޔަ ހައި ލެވެލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މި ސަރަހައްދުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި، ޚާއްސަ މަންދޫބުންނާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭޝިއާ ސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާ ބައިވެރިވެ ވަޑައިގެން ނަސީމް ވަނީ ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން 2025ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަމުގައި ހާމަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކައިގައި، މިސަރަޙައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޓީބީ ދެނެގަތުމަށްހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މި ސަރަޙައްދުން ޓީބީ ނައްތާލުމާއި، ޓީބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސިއްހަތާބެހޭ ވަޒީރުން "ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް"އެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިގޮތުން 2030ވަނަ އަހަރު ޓީބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރުން ވަނީ މި ސްޓޭޓްމެންޓްގައި އެއްބަސްވެ ވަޑައިގެންފައެވެ.

