ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތައް އިއުލާންކޮށްފި

ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތައް އިއުލާންކޮށްފި

ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން 18 ރަށެއް ހުޅުވާލައިފިއެވެ. އާ ރަށްތައް އިޢުލާންކޮށްފައިވަނީ ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައެވެ.

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އެއްފަޅެއްގައި ކައިރި ކައިރީ ހުންނަ ރަށްތަކާއި ފަޅު ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ރަށްތައް ހުޅުވާލާފައިވާ އަތޮޅުތަކަށް ބަލާލާއިރު، ހއ. އަތޮޅުން 2 ރަށް، ހދ، ށ، ނ، ރ އަތޮޅުން 1 ރަށާއި، މ. އަތޮޅުން 2 ރަށެއް، ފ. އަތޮޅުން 2 ރަށެއް، ތ. އަތޮޅުން 2 ރަށެއް، ލ. އަތޮޅުން 3 ރަށް، ގއ އަދި ގދ އަތޮޅުން 2 ރަށެވެ. މި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް އެއް ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރިސޯޓް ތަރައްޤީކުރާ ފަރާތްތަަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށްވެސް ރަށްތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އިންވެސްޓުމަންޓު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގައި ރިސޯޓުތަރައްޤީކުރުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ބޭރުގެ އިންވެސްޓަރުން ހިފުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވަނީ ރާއްޖޭގައި ރިސޯޓު އޮޕަރޭޓުކުރާ ފަރާތްތަކުން އެ ބުރޭންޑުގެ އެހެން ރިސޯޓުތައްވެސް ހުޅުވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުންވެސް ދައްކައިދެނީ ރާއްޖެއަކީ އިންވެސްޓުކުރަން ރަނގަޅު މަންޒިލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *