ޒުވާނުން ބާރުވެރިކުރުވައި، ހިތްވަރުދީ މަސައްކަތުގެ އަގުވަޒަންކޮށް ގައުމަށް ޚިދުމަތްކުރުމުގައި ދެމި ތިބުމަށް ބާރުއަޅައި ޒުވާނުންނާ ބެހޭ ވުޒާރާއިން ދެމުން ގެންދާ ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފިއެވެ.
ކުޅުދުއްފުށި ސިޓީގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތުގައި، ޒުވާނުންގެ އެވޯޑް ހާސިލްކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
އެވޯޑް ހާސިލް ކުރެއްވި ޒުވާނުންނަކީ އަބްދުﷲ ޔަމާން – މަސްވެރިކަމުގެ ދާއިރާ، އަރުޝަދު އަހުމަދު – ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ، ނާޒިމް ހަސަން – އާޓް އަދި ފަންނުވެރިކަމުގެ ދާއިރާ، އަހުމަދު އަބްދުލްކަރީމް (ލޯންގޭ) – ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާ، އައިޝަތު ތާއިފާ – ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާ، އަފާ ހުސައިން – ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ، އަލީ ފަވާޒް – ދަނޑުވެރިކަމުގެ ދާއިރާ، މަރިޔަމް ސައުދާ – ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ، ހަސަން ފަރުހާން – ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ، އިއްޒަތު އަހުމަދު ނިޒާރު – ދިވެހިބަހާއި ސަގާފަތަށް ޚިދުމަތް ކުރުމުގެ ދާއިރާ
ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.

