އަންނަ އަހަރު ހދ.ކުޅުދުއްފުށި ސިޓީގައި 1400 ހައުސުން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން އެކަނި ސީދާ އެ ރަށަށް 400 ހައުސިން ޔުނިޓް މިހާރު ރިޒަރވް ކޮށްފައިވާ ކަމަށެވެ.
"އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން" ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދާދިފަހުން ވަނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 1200 އާއިލާ މިހާރުވެސް އެ ރަށުގައި އެބަތިބި ކަމަށް ވިދާޅުވި އެވެ. އެގޮތުން މާލެ އަށް ދިމާވެފައިވާ ގޮތް ކުޅުދުއްފުއްޓަށް ވާން ނޭދޭ ކަމަށާއި އެގޮތުން އެ ސިޓީ އަށް އަންނަ އަހަރު 1000 އެޕާޓްމެންޓު ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިމަނައިދެއްވުމަށް ރައީސްގެ އަރިހުން އެދިފައިވާނެ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދެކެވުނު ވާހަކަތަކުގައި ރައީސް ދެއްވީ ވަރަށް ޕޮޒިޓިވް ޖަވާބެއް ކަމަށްވެސް އާތިފް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުޅުދުއްފުށީގެ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށާއި އެގޮތުން މި މައްސަލައާ ގުޅިގެން އިތުރު އިޖުތިމާއީ މައްސަލަތަކެއް ނިކުމެދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އާތިފް ވިދާޅުވި އެވެ.

