ތިމާވެށީގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބޭނުންވޭ: ޝައުނާ

ތިމާވެށީގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބޭނުންވޭ: ޝައުނާ

ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، "ޕްރީ-ކޮޕް26 ބަޒް އިވެންޓް"ގެ ނަމުގައި ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިމަހުގެ ފަހުކޮޅު ސުވިޓްޒަލޭންޑްގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕެނަލް ޑިސްކަޝަނަކީ މޫސުމާބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް26″ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފް ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެކެވެ.

މި ޕެނަލް ޑިސްކަޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަމަރަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމަށެވެ. އަދި މިކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ތަފާތު މައްސަލަތަކުގައި ޒުވާނުންގެ އަޑަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށާ، އެއަޑު ޤައުމުތަކުގެ ލީޑަރުންނާއި، ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް މިހާރަށްވުރެ ބާރަށް އިއްވަންޖެހޭކަމަށެވެ. އަދި މޫސުމީ ކަންކަމާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ނިންމާ ނިންމުންތަކާއި ތަންފީޒުކުރާ ކަންކަމަކީވެސް ޒުވާނުންގެ ޚިޔާލާ މަޝްވަރާ އެކަމުގައި ހިމެނިގެން ނިންމަންޖެހޭ ކަންކަންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ތިމާވެށީގެ އެކިއެކި މައްސަލަތަކުން އަރައިގަތުމުގައި ސަރުކާރުން ޒުވާނުންގެ އަޑު އަހާނެކަމަށާއި، އެމީހުންގެ ޚިޔާލާ ބައިވެރިވުން އެކަންކަމުގައި ހޯދާނެކަމަށް ވިދާޅުވިއެވެ.

"އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އެކަންކަމުން ރައްކާތެރިވުމަށް، އަދި ތިމާވެށި ޚިމާޔަތްކުރުމަށް ހިންގޭ ތަފާތު ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމުގައި ސިޑްސްގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރިއެވެ. އަދި ރާއްޖެއާއި ސިޑްސްއަށް ނިސްބަތްވާ ބައެއް އެހެން ޤައުމުތަކުގައިވެސް ތިމާވެށީގެ ކަންކަމަށް ވަކާލާތުކޮށް އަޑުއުފުލާ ޒުވާނުން އެމީހުންގެ ތަޖުރިބާ މި ޕެނަލް ޑިސްކަޝަންގައި ހިއްސާކުރިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *