ލައިފް ޖެކެޓް ނުހުންނަ އުޅަނދުފަހަރަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ މޫސުން ގޯސްވެ, ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގައި, އުމުރުން 33 އަހަރުގެ އަންހެނެއްގެ ފުރާނަ ގެއްލި, އަދި ކަނޑަށް ވެއްޓުނު ކުޑަކުއްޖެއް އަދިވެސް ހޯދަމުންދާއިރު, ލައިފް ޖެކެޓް އެޅުމަށް މަޖުބޫރު ނުކޮށްގެން އެކަމުގެ ފާޑުކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވައިދުގެ ދަށުން ޖުމްލަ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ 16 ގެ ކުރިން ފުރިހަމަކުރަން އަންގާ ކަމަށެވެ.
2019 ވަނަ އަހަރު ހދ ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި 5 މީހެއްގެ ފުރާނަ ގެއްލުމާ ގުޅިގެން, ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ލަފާދީފައެވެ. އެއިސްލާހުތަކުގެ ތެރޭގައި, ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރުންވެސް ހިމެނެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެގަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައެއްނުވެއެވެ.
އޭގެފަހުން ޓްރާންސްޕޯޓް އޮތޯރިޓީން މިވަނީ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް ގެޒެޓްގައި ޝާއިއުކޮށްފައެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން, ވަކިކަންތައްތަކެއް އުޅަނދުތަކުގައި ފުރިހަމަކުރުމަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ހުރި ކަންކަމަކީ އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުން، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާބެހޭ ސެޓްފިކެޓް ހެއްދުން، ސުވޭޖް ސެޓްފިކެޓް ހެއްދުން، އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުން، ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުން، ބޮޔަންޓް އެޕަރޭޓަރސް ހުރުން، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުން، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން، މުއާސަލާތީ އާލާތްތައް ހުރުން، ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިކަންތައްތައް ފުރިހަމަ ކޮށްފައިނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެކަމަށެވެ.

